މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްއެންޑީއެފުން އައްޑުއާއި ފުވައްމުލަކުގައި ސިފައިންގެ ޕެރޭޑް ބޭއްވުމަށް ނިންމައިފި އެވެ.

މާދަމާ އަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ.

އެމްއެންޑީއެފް އިން ބުނީ ފުރަތަމަ ޕެރޭޑް އޮންނާނީ ސ. ހިތަދޫގައި ކަމަށެވެ.

މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ހިތަދޫ ސްކޫލް ކުރިމަތިން ޕެރޭޑް ފަށާނެ އެވެ. ޕެރޭޑް ނިންމާނީ އެ ރަށު "ސަރުސަނާ 3" ފިހާރަ ކުރިމައްޗަށް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ޖޫން 29 ވަނަ ދުވަހު ދެވަނަ ޕެރޭޑް އޮންނާނީ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގަ އެވެ. އެ ދުވަހުގެ ހަވީރު 4:00 ގައި މަރަދޫ މުދިންގޭ މަގާ ބޮޑުމަގު ގުޅޭ ކަންމަތިން ޕެރޭޑު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. ޕެރޭޑް ހުއްޓުމަށް ހަމަޖެހިފައި ވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ.

މީގެ އިތުރުން، ޖޫން މަހުގެ 30 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ޕެރޭޑް އޮންނާނީ ހުޅުދޫ- މީދޫ ގަ އެވެ. އެ ދުވަހުގެ ހަވީރު 4:00 ހުޅުދޫ އޮފީސް މަގާއި ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައި ވަނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ. އަދި ޖުލައި މަހުގެ އެއްވަނަ ދުވަހު ޕެރޭޑް އޮންނާނީ ފުވައްމުލަކުގަ އެވެ.

އައްޑޫގެ ރަށްތަކާއި ފުވައްމުލަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ އިތުރުން އައްޑޫގެ ސްކޫލުތަކުގެ ކޭޑޭޓުން ވެސް ބައިވެރިވާނެ އެވެ. އަދި ފުވައްމުލަކުގައި ކުރިއަށް ގެންދާ ޕެރޭޑުގައި ފުވައްމުލަކު ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި ދެ އަތޮޅުގައި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.