ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް އިން އަންނަ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލުމުގެ ފަށައިފި އެވެ.
ޑިމޮކްރެޓްސް އިން މެނިފެސްޓޯ އެކުލަވާލުމަށް އާންމުންގެ ހިޔާލު ހޯދަން ފަށާފައި މިވަނީ ޑީމޮކްރެޓްސް އިން މިހާރު ފުވައްމުލަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގަ އެވެ. އެގޮތުން މެނިފެސްޓޯ ތައްޔާރުކުރުމަށް އާންމުންގެ ހިޔާލު ހޯދަން ފުވައްމުލަކުގައި މިރޭ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުވައްމުލަކުގައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައި އުޅުއްވަނީ ޑިމޮކްރެޓްސް ގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.
ފުވައްމުލަކުގައި އެ ޕާޓީގެ މެނިފެސްޓޯ މަޝްވަރާތައް ފަށާނީ މިރޭ ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ. ބައްދަލުވުމާއި މަޝްވަރާތައް ކުރިޔަށް ގެންދަނީ ވޯކްޝޮޕެއްގެ ގޮތުގަ އެވެ.
ޕާޓީއެއްގެ ގޮތުގައި ޑީމޮކްރެޓްސް ރަޖިސްޓަރީކުރުން ލަސްވި ނަމަވެސް ޑިމޮކްރެޓްސް އިން ގެންދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވެ، ސިޔާސީ މަސައްކަތްތައް ކުރަމުންނެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭން ނިންމާފައި ވަނީ އީދު ބަންދަށްފަހު އަންނަ މަހު ދޭއް ގަ އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުން ލަސްވާތީ ޑިމޮކްރެޓްސް އިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.