ދަ ޑިމޮކްރެޓްސް އުފެއްދުމަސް ބައްވާ ޖަލްސާ އަންނަ ބުދަ ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފި އެވެ.

ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފައްދަވާ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިއަދު އެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނީ 5 ޖުލައިވާ ބުދަ ދުވަހުގެ ރޭ 8:30 ގައި ޣިޔާސުއްދީން ސްކޫލް ހޯލުގަ އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މޭ 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ޕާޓީ ރަޖިސްޓްރީކުރަން 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފަށް އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.