ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ހަގީގީ މާނާގައި އިސްލާހުކުރަންވީ ވަގުތު މިހާރު ޖެހިފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ރާއްޖެ އަނބުރާ ހޯދަންވީ ވަގުތު ކަމަށެވެ. އަދި އިންސާފުގެ ނިޒާމް ހަގީގީ މާނާއިގައި އިސްލާހުކުރަންޖެހޭ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
"މިވަގުތަކީ ގައުމު އަނބުރާ ހޯދަން، އިންސާފުގެ ނިޒާމް ހަގީގީ މާނައިގައި އިސްލާހުކުރަން، ފަނޑިޔާރުގެއަށް މިފަހުގެ ތާރީހުގައި ދިމާ ނުވާފަދަ ނުފޫޒުން ސަލާމަށް ކުރަންވީ ވަގުތު،" ޑރ.ޖަމީލު ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ.ޖަމީލު ވިދާޅުވީ މިއަދު ފެންނަ އެމްޑީޕީއަކީ ބޯދާ ޒަމާނުގެ 30 އަހަރުގެ ކުރީކޮޅުގެ ސިފަތައް ފެންނަ ޕާޓީއެއް ކަމަށެވެ.
އަދި ދައުލަތުގެ މުދަލާއި ފައިސާ ހިތުހުރި ގޮތަކަށް ބަހަމުންދާއިރު، އަދުލު އިންސާފުގެ ނިޒާމަކީ ބިރުދައްކަން ގެންގުޅޭ ހަތިޔާރަކަށް ހަދާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގައި މިހާރު ފެނިގެންދަނީ ރައީސް މައުމޫން ވެރިކަން ކުރެއްވިއިރުގެ ސިފަތައް ކަމަށެވެ.
"ހުރިހާ ކަމެއް ސިއްރު. ގޭތެރޭ މީހުންގެ ބަދިގޭގެ ވެރިކަމެއް. މުދަލާއި ފައިސާ، މަގާމުތައް ހިތުހުރިގޮތަކަށް. އިންސާފަކީ ބިރުދައްކަން ގެންގުޅޭ ހަތިޔާރު." ޖަމީލު ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައިގެން އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު، ޖަމީލުވަނީ އެ ޕާޓީއަށް މަރުހަބާ ވިދާޅުވެފަ އެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ކޮންމެ ޕާޓީއަކުންވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ މަސައްކަތް ކުރިއަށްގެންދަންވީ ކަމަށެވެ. ނަމަވެސް އިސްލާހީ އެޖެންޑާގެ އަމާޒަށް އެކަންކުރުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.