ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު ޝަރީއަތް ކުރިއަށް ގެންދާ ހައިކޯޓުގެ 3 ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގެންފި އެވެ.

ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވަން ތާވަލް ކުރި ނަމަވެސް އާދީއްތަ ދުވަހު ވަނީ އެއަޑުއެހުން ކެންސަލްވިކަން އަންގާފަ އެވެ. ހޯމަ ދުވަހަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އެމަޖެންސީ ޗުއްޓީއެއް ނެންގެވުމުންނެވެ.

ފަނޑިޔާރު ހުޒައިފާ ޗުއްޓީއަށް ފަހު އަންނަ ހަފްތާގައި މަސައްކަތައް ނިކުންނަވަން ތާވަލްކޮށްފައި އޮތްނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗްގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ސަލީމް މިހަފްތާގެ ބުރާސްފަތި ދުވަހަށްފަހު ޗުއްޓީއަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. އެހެންކަމުން އަންނަ ހަފްތާގައި ވެސް ރައީސް ޔާމީން މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލް ނުކުރެވޭނެ ކަމަށް ބެލެވެ އެވެ.

ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަތަކަކީ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މައްސަލަތަކެއްް ކަމަށް ވާތީ އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވޭނީ ތިން ފަނޑިޔާރުން ހާޒިރުވެ ތިއްބަވައިގެންނެވެ.