ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ތައާރަފްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.
ރައީސް ސޯލިހު މިކަން އިއުލާން ކުރެއްވީ މ. ދިއްގަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް މިހާތަނަށް ދެމުން އައީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގަ އެވެ. ދާދިފަހުން ވަނީ ހުވަދު އަތޮޅުގައި ވެސް އެ ހިދުމަތް ފަަށައިފަ އެވެ.
މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ. އާރްޓީއެލް ފެރީގެ އަގުތައް އުޅެނީ އާދައިގެ ރައްޔިތުންގެ އަތްފޯރާފަށުގަ އެވެ. ކުރިން 4000 ރުފިޔާއަށް ކުރި ލޯންޗު ދަތުރު އާރްޓީއެލް ފެރީން 300 ރުފިޔާއަށް ވުރެ ކުޑަކޮށް ކުރެވެ އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ރިޔާސީ ދެވަނަ ދައުރެއްގައި ދިއްގަރަށް ކޮށްދެއްވާނެ ކަންތައްތައް އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެރަށުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމާއި ފްލެޓު ނުވަތަ ރޯހައުސް އަޅައިދިނުމާއި ރަށުގައި ފުޓްބޯޅަ ދަނޑަކާއި ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދިނުމުގެ އިތުރުން ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްގީކުރުން އެކަންކަމުގެ ތެރޭގައި ހިމެނެ އެވެ.
މިހާރު ކުރިއަށްދާ ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ނިމި އަންނަ މަސް ނިމޭއިރު ހުންނާނީ އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިމިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.