އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ކެންޑިޑޭޓެއް ނެރުމަށް ބާއްވާ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރުން މިއަދު ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ތިން ޕާޓީން އެއް ކެންޑިޑޭޓެއް ނެރުމަށް ވަނީ އެއްބަސްވެފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުން ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީއަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް ޕްރައިމަރީއެއް ބޭއްވުމަށް ދަ ޑިމޮކްރެޓްސްއިން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވި އެޕާޓީގެ ކައުންސިލް ފުރަތަމަ ބައްދަލުވުމުގަ އެވެ.

ޑިމޮކްރެޓްސް އިން ޕްރައިމަރީއެއް ބާއްވާނެކަން އިއުލާނުކުރި އިރު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ގައި އިލެކްޝަން ކޮމިޝަނުން ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އަދި އެ މުއްދަތު ހަމަވާނީ އޮގަސްޓު 7 ވަނަ ދުވަހަށެވެ.