އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓްރީއަށް ހުޅުވާލުމުން މިހާތަނަށް 1،321 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. ރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކުން 16 ޖުލައިން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ހުށަހެޅޭނެ އެވެ. އެހެން ނަމަވެސް 16 ޖުލައިން 5 އޮގަސްޓާއި ހަމައަށް ކަރުދާސް ފޯމުތައް މެދުވެރިކޮށް ރީ ރަޖިސްޓްރީވުމަށް ހުށަހެޅޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ރަޖިސްޓްރީވެފައި ވަނީ 1،321 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ހުށަހަޅާފައިވާ 1،185 ފޯމާއި، ކަރުދާސް ފޯމުތަކުގައި ހުށަހެޅި 136 ފޯމު ކަމަށެވެ. ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް ވެސް، ރީ-ރަޖިސްޓްރީވުމަށް މިއަދު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އަށް ގައުމެއްގެ ނުވަ ސިޓީއެއްގައި ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފަ އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 280،000 އަށް ވުރެ ގިނަ މީހުން ތިބިއިރު، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓު ފޮށި ބަހައްޓަ އެވެ.