މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު ގާއިމްކޮށްފި އެވެ.

ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކުރިކަން ހާމަކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބިއުރޯ ގާއިމުކުރީ އިންތިހާބާ ބެހޭ މަރުކަޒު ހުންނަ ދަރުބާރުގޭގައި ކަމަށެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރު ފަހު 3އަށް ބިއުރޯ ހުޅުވާފައި ހުންނާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. ހުކުރު ދުވަހު އެ ތަން ހުޅުވާނީ މެންދުރު ފަހު 2 އިން ހަވީރު 5އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބާއި ބެހޭ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން، އިންތިޚާބާ ބެހޭ މަރުކަޒުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން، ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އީމެއިލް މެދުވެރިކޮށްވެސް ޝަކުވާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. މީގެ އިތުރުން ބިއުރޯއަށް ގުޅޭނެ ނަންބަރުތައް ވެސް އެކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ. ޝަކުވާތަކާއި ގުޅޭގޮތުން ގުޅާނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ.

އިންތިހާބާއި ބެހޭ ޝަކުވާތައް ހުށަހަޅުމަށް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކުރިއިރު، މިއަދު އެ ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން މާދަމާއިން ފެށިގެން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަންނަ އިރު، އަންނަ މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.