ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލައިފި އެވެ.
ޔާމީންގެ ފަރާތްޕުޅުން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވެ އެވެ.
ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި މައްސަލަ ބަލއިނުގަނެ ޖެހިގެން އައި ދުވަހު ވަނީ ބޭރުކޮށްލާފަ އެވެ.
ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.
އެހެންވެ، އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ.
އެމައްސަލާގައި އެދިފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންދަނީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަވަހަށް ޝަރީއަތްކޮށް މައްސަލަ ނިންމޭނޭ ހައްގު ނުލިބޭ ގޮތަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ހައިކޯޓުގައިވާ މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.