ޖަކާޓާ (17 ޖެނުއަރީ) - އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ފަހުން ކަނޑަށް ވެއްޓުނު އެގައުމުގެ ސްރީވިޖަޔާ އެއާގެ މަތިންދާބޯޓު ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ތަހުގީގު ޓީމްތަކެއް އިންޑޮނޭޝިއާއަށް ހިނގައްޖެ އެވެ

އިންޑޮނޭޝިއާގެ އޮފިޝަލުން ވިދާޅުވީ އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ކޮމިޝަން (ކޭއެންކޭޓީ)ގެ ޓީމެއް އެ ގައުމަށް ގޮސްފައިވާ ކަމަށެވެ.

އެ ގްރޫޕްގައި ހިމެނެނީ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ މެމްބަރުންނާއި، މަތިންދާބޯޓު އުފެއްދި ބޮއިން ކުންފުނީގެ އޮފިޝަލުންނާއި ޖެނެރަލް އިލެކްޓްރިކްގެ އޮފިޝަލުންނެވެ.

އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ބުނީ އިންޑޮނޭޝިއާގެ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށް އެހީތެރިވެދިނުމަށް ޓީމުތަކެއް އިންޑޮނޭޝިއާއަށް ދާނެ ކަމަށެވެ. އަދި މި ތަހުގީގުގައި ސްރީވިޖާޔާ ކުންފުނިން ބޭނުންކުރާ ބޯޓުތައް އިންސްޕެކްޓްކޮށް ހަދާނެ ކަމަށެވެ. އަދި މިހާތަނަށް ދެ ޓީމު ވަނީ އިންޑޮނޭޝިއާއާށް ގޮސްފަ އެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ ތަހުގީގު ޓީމުތައް އިންޑޮނޭޝިޔާއަށް އެތެރެވުމަށް ހާއްސަ ހުއްދަތަކެއް ދީފަ އެވެ. ކޮވިޑާ ގުޅިގެން އިންޑޮނޭޝިއާގައި ވަނީ ބޭރުން އެ ގައުމަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ޖެނުއަރީ ނުވަ ވަނަ ދުވަހު އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސްރީވިޖިޔާ ކުންފުނީގެ އެސްޖޭ 182 ފްލައިޓް ވަނީ ވެއްޓިފަ އެވެ. މި ފްލައިޓް ދަތުރުކުރަން ހަމަޖެހިފައިވަނީ ވެރިރަށް ޖަކާޓާއިން ޕޮޓިއަނަކް އަށެވެ. މި ބޯޓުން 62 މީހަކު ދަތުރުކުރި އެވެ.

ބޯޓު ވެއްޓުނު ސަރަހައްދުން ވަނީ ބޯޓުގެ ޑޭޓާ ރިކޯޑް ކުރާ ދެ ކަޅު ފޮށީގެ ތެރެއިން އެއް ފޮށި ނަގާފަ އެވެ. މި ކަޅު ފޮށީގައި ބޯޓުގެ ދަތުރުގެ ހުރިހާ މައުލޫމާތެއް ރިކޯޑްކުރެވިފައި ހުންނާނެ އެވެ. މި މައުލޫމާތުތަކުގެ ތެރޭގައި ބޯޓު ދަތުރުކުރި އުސްމިނާއި، ސްޕީޑް، ދަތުރުކުރި ގޮތް އަދި އެހެނިހެން މުހިންމު މައުލޫމާތު ލިބޭނެ އެވެ. ކަޅު ފޮށިން ލިބޭ މައުލޫމާތުގެ އަލީގައި 90 ޕަސެންޓް ހާދިސާތައް ދިމާވާ ސަބަބު ދެނެގަނެވިފައިވެ އެވެ.