ޖަކާޓާ (17 ޖެނުއަރީ) - އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ފަހުން ކަނޑަށް ވެއްޓުނު އެ ގައުމުގެ ސްރީވިޖަޔާ އެއާގެ މަތިންދާބޯޓުގެ ދެވަނަ ކަޅު ފޮށި ހަލާކުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެގައުމުން ބުނެފި އެވެ.

ވެއްޓުނު ބޯޓުގެ ކަޅު ފޮށި ހޯދުމަށް މަސައްކަތްކުރަމުންދާ އެ ގައުމުގެ ނޭވީން ވަނީ ދެ ކަޅުފޮށީގެ ތެރެއިން ފްލައިޓް ޑޭޓާ ރިކޯޑްކުރާ ފޮށި ހޯދާފަ އެވެ. ނަމަވެސް ފްލައިޓް ޕައިލެޓް އަދި ކްރޫން ދައްކާ ވާހަކަ ރިކޯޑްކުރާ ފޮށި އަދި ފެނިފައެއް ނުވެ އެވެ.

ނޭވީން ބުނީ ބޯޓުގެ ދެ ކަޅު ފޮށި ތެރެއިން ނުފެނިވާ ކަޅުފޮށީގެ ބެޓެރި އަދި ފޮށީގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތި ފެނިފައި ވަނީ ބޯޓުގެ ބައިތަކުގެ ތެރެއިން ކަނޑުގެ އަޑިން ކަމަށް ވެސް ނޭވީން ބުންޏެވެ.

އިންޑޮނޭޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޑައިރެކްޓަރު ސި ޔަލިވް ވިދާޅުވިގޮތުގައި މަތިންދާ ބޯޓުގެ ކަޅު ފޮއްޓަކީ ވަރަށް ވަރުގަދަ މެޓީރިއަލްއަކުން ތައްޔާރުކޮށް، ގެއްލުން ނުލިބޭނެ ގޮތަކަށް ޑިޒައިން ކޮށްފައިވާ އެއްޗެކެވެ. އަދި ބޯޓު ވެއްޓުން ފަދަ ހާދިސާތަކުގައި އެ ފޮށްޓަކީ ހާދިސާ މެދުވެރިވާން ދިމާވި ސަބަބު އެންމެ ރަނގަޅަށް ދެނެ ގަނެވޭނެ އެކައްޗެއް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އިންޑޮނޭޝިއާގައި ވެއްޓުނު ބޯޓުގެ ކަޅު ފޮށިގެ ތެރެއިން އެއް ފޮށި ވަނީ ހަލާކުވެފަ އެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެއް ކަމަށާއި، އެ ފޮށި ހަލާކުވާން މެދުވެރިވި ސަބަބު ހޯދަން ބޭނުންވާ ކަމަށް ވެސް ޔަލިވް ވިދާޅުވި އެވެ.

ޖެނުއަރީ ނުވަ ވަނަ ދުވަހު ވެރިރަށް ޖަކާޓާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސްރީވިޖިޔާ ކުންފުނީގެ އެސްޖޭ 182 ފްލައިޓް ވަނީ ވެއްޓިފަ އެވެ. މި ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ވެރިރަށް ޖަކާޓާއިން ޕޮޓިއަނަކް އަށެވެ. މި ބޯޓުން 62 މީހަކު ދަތުރުކުރި އެވެ.