ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތް މާދަމާ 10:00 ގައި ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް ހަމަ އެ ދުވަހު ވަނީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. ނަމަވެސް ޕީޕީއެމުން ބުނަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

އިއްޔެ ބޭއްވި އަޑު އެހުން އުއްތަމަ ފަނޑިޔާރު ނިންމަވާ ލެއްވީ އެމައްސަލާގައި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ހުކުމް އިއްވުމަށް ޝަރީއަތް ބާއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގައި މާދަމައަށް ވަނީ ޝަރީއަތް ބޭއްވުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް އަދި ވަކި ގަޑިއެއް ހަމައެއްނުޖައްސަ އެވެ. އެމައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް އެކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބެ އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ ފުރުސަތު ހޯމަ ދުވަހަށް ހަމަވެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ އަށް ޕީޕީއެމް އާއި ބަންޑާރަ ނައިބު ވަނީ ތަދައްހުލްވެފަ އެވެ. ބަންޑާރަ ނައިބު އެމައްސަލައަށް ތަދައްހުލްވީ ސުޕްރީމް ކޯޓުން އެދުމުންނެވެ.

އިއްޔެ ބޭއްވި އަޑު އެހުމުގައި ދެފަރާތުން ވެސް މައްސަލާގައި ވަރަށް ހޫނު ބަހުސެއް ކޮށްފައިވެ އެވެ.