އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާކޮށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އެދެފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެމަނިކުފާނުގެ ފަރާތުން އެދިފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އިންތިހާބުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަނުން އެ ފޯމު ބަލައިނުގަންނަން ނިންމި މައްސަލަ ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ޔާމީންގެ ކުށުގެ ރެކޯޑު ފޯމުތަކަށް ބެލުމުން އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ހުކުމެއް އިއްވާފައިވުމުން އީސީން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ނިންމާފަ އެވެ.
ވ. އާރަށް މައްސަލާގައި ކޮށްފައިވާ ހުކުމް ފަސްކޮށްދިނުމުގެ އަމުރަކަށް ޔާމީންގެ ފަރާތުން އެދިފައިވާ އިރު އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ.