އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 65 ރިސޯޓަކާއި ފަސް ގައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި 65 ރިސޯޓުގެ އިތުރުން، އިންޑިއާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު، އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް އަބޫދާބީގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް ރިޔާސީ އިންތިހާބުގެ ވޯޓުލާ މީހުން ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެފައިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކާ ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީވެފައިވާ ނަމަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފަ އެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެ އެވެ.
ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން 35،849 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފަ އެވެ.