ސްރީލަންކާގައި މަރުގެ ހުކުމް އިއްވާފައިހުރި ސިޔާސީ ކުށްވެރިޔަކު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާކޮށްފި އެވެ.
މެމްބަރު ކަމުގެ ހުވާ ކުރަން އޭނާ މަޖިލީސްކުރާ ގެއަށް ގޮސްފައި ވަނީ ސީދާ ޖަލުންނެވެ.
ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީ ކަމަށްވާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ގެ މެމްބަރެއް ކަމަށްވާ ޕްރޭމަލާލް ޖަޔާސޭކަރަ، 45، އަށް ވަނީ 2015 ވަނަ އަހަރު ބޭއްވުނު ކެމްޕެއިން ހަރަކާތެއްގެ ތެރޭގައި އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ކުށް ސާބިތުވެފަ އެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުވެފައިވަނީ 5 އޮގަސްޓްގައި ބޭއްވި އިންތިހާބަށް ނޮމިނޭޓްވި ފަހުންނެވެ. އެހެން ކަމުން އޭނާއަށް އިންތިހާބުގައި ވާދަކޮށް ގޮނޑި ކަށަވަރުކުރަން ފުރުސަތު ލިބިގެންދިޔަ އެވެ.
އާ ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ބާއްވާފައިވާ އިރު، އެ ދުވަހު އޭނާއަށް ޖަލްސާއަށް ހާޒިރު ނުވެވުނީ ޖަލު ބަލަހައްޓާ ފަރާތްތަކުން އޭނާއަށް އެ ހުއްދަ ނުދިނުމުންނެވެ. އެހެން ނަމަވެސް އޭނާވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. އަދި ހޯމަ ދުވަހު ކޯޓުން ވަނީ އޭނާގެ ޖަލުން މަޖިލީސްކުރާ ގެއަށް ގޮސް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ހުއްދަ ދީފަ އެވެ. އެހެން ނަމަވެސް އޭނާއަށް ދެވޭނީ ޖަލުގެ އޮފިޝަލުންނާ އެކު އެވެ.
ޖަޔާސޭކަރަ ހުވާ ކުރުމުން އެކަމާ ދެކޮޅު ހެދުމުުގެ ގޮތުން އިދިކޮޅު މެމްބަރުން ތިބީ ކަރުގައި ކަޅު ޝޯލް އަޅައިގެންނެވެ. އަދި ބައެއް މެބަރުން މަޖިލިސްކުރާގެ ދޫކޮށް ދާން ވެސް އުޅުނެވެ. ކޮންމެ ދުވަހަކުވެސް ޖަލްސާ ނިންމުމަށްފަހު އޭނާ އަނބުރާ ޖަލަށް ގެންދެވޭނެ އެވެ.
2001 ވަނަ އަހަރުން ފެށިގެން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން އަދާކުރާ ޖަޔާސޭކަރަ ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިދިކޮޅުން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ބަހައްޓާފައި ހުރި ސްޓޭޖަކާއި ދިމާއަށް ބަޑިޖަހާފަ އެވެ. އަދި އޭގެ ސަބަބުން އެކަކު ވަނީ މަރުވެފަ އެވެ. މިހާރު އޭނާ ވަނީ އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފް ކުރަން ނިންމާފަ އެވެ.
ސްރީލަންކާގައި މަރުގެ ހުކުމްތައް އިއްވިޔަސް 1976 ވަނަ އަހަރުން ފެށިގެން އެހުކުމް ތަންފީޒުކޮށްފަ އެއް ނުވެ އެވެ. -ދަ ގާޑިއަަން