ޑިމޮކްރަސީއެއްގައި އިރުއިރު ކޮޅާ ސިޔާސަތުތައް ބަދަލުވާ ނަމަ ތަރައްގީގެ މަޝްރޫއުތައް ހުއްޓި ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގއ އަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި އެއަތޮޅު މިލަންދޫގައި ރައީސް ވިދާޅުވީ އަވަށް އަވަހަށް ސަރުކާރު ބަދަލުވެ ސިޔާސަތުތައް ބަދަލުވާ ނަމަ ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީއަށް އެންމެ މުހިންމު އެއްޗަކީ ހަމަޖެހުން ގާއިމްވެފައި އޮތުން ކަމަށެވެ. އަދި އަވަސް އަވަހަށް ސަރުކާރު ބަދަލުވާނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން ކޮންމެ ގަސް އަހަރަކުން ވެރިކަން ބަދަލުވަންޏާ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2008 ގައި އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓުނީ ވެރިކަން ބަދަލުވެގެން ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ލާއިރު އެހުރިހާ ކަމަކަށް ވިސްނުމަށް ފަހު ވޯޓުލުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.