ކުރީގެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ހުކުމް، ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިފައިވާ މައްސަލާގައި އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމުމަށް ހައިކޯޓުން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަން ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މިއަދު ހައިކޯޓުގައި އޮތް އަޑު އެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީން 52 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ އަމުރުގެ މުއްދަތު ހަމަވިއިރު ވެސް އެފައިސާ ނުދައްކާތީ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް އެފައިސާ ދައްކައިފި ނަމަ އެފައިސާ އަކުން އަނބުރާ ހޯދަން އުނދަގޫ ވާނެ ކަމަށެވެ. އެހެންވެ އެކަމުން އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ރައީސް ޔާމީނަށް ލިބޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ދައުލަތަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއްގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބުނީ ހައިކޯޓުން ރައީސް ޔާމީން މިނިވަންވެއްޖެ ނަމަ އެފައިސާ އަނބުރާ ލިބޭނެ ކަމަށާއި އެއީ އިއާދަ ނުކުރެވޭނެ ގެއްލުމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ފަނޑިޔާރުން ނިންމެވި އެމައްސަލާގައި ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު އަޑުއެހުމެއް ބޭއްވުމަށެވެ.