ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތްވެ، މިހާރު ވެސް ޖަލުގައި އޮންނަވަން ޖެހިވަޑައިގަތީ ޕީޕީއެމް ކޯލިޝަންގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އެގޮތް ބޭނުންވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އެއްވުމެއްގައި އެ މަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ޕީޕީއެމް ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން މަސައްކަތް ނުކުރައްވާ ކަމަށެވެ. އެބޭފުޅުން މަސައްކަތް ކުރައްވާ ނަމަ ރައީސް ޔާމީން ހުންނަވާނީ މިނިވަންވެ ރިޔާސީ އިންތިހާބަުގައި ވާދަކުރައްވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީން ފަސް އަހަރު ޖަލުގައި ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އެކަން އެގޮތަށް އޮންނާން އެދިވަޑައިގެން ތިއްބެވީމާ،" ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ބޭފުޅުން ޑިމޮކްރެޓްސް އާއެކު މަސައްކަތް ކުރަން ފެށުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ޑީމޮކްރެޓްސްއާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ، ސޮއި އަޅާތާ ހަފްތާއެއްގެ ތެރޭ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ކޯލިޝަނުން ކުރަމުން އަންނަ މުޒާހަރާތަކުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދެން މާގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްގައި ބައިވެރިވާނެ ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއެކު ވެސް މަސައްކަތް ކުރައްވާނެ ކަމާށް ރައީސް ނަޝީދު ވިދާޅުވި އެވެ.