މިހާރު ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ ކެންޑިޑޭޓުން ވައުދު ވަނީ މިހާރުވެސް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ކަމަށް ވިދާޅުވެ އިދިކޮޅު ކެންޑިޑޭޓުންނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިންތިހާބަށް ކުރިމަތިލައްވައިގެން އުޅުއްވާ ކެންޑިޑޭޓުން ކޮށްދެއްވާނެ ކަމަށް ބުނެ ވައުދު ވަނީ މިހާރުވެސް ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ ކަންތައްތަކުގެ ވާހަކަ ކަމަށެވެ. އަދި މިސަރުކާރުން ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ވާހަކަތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއް ބަޔަކު ދައްކަނީ މިހާރު ވެސް ސަރުކާރުން ކުރަމުން އަންނަ ކަންކަމުގެ ވާހަކަ. ތިމަންނާމެންގެ ވެރިކަމެއްގައި އެސްއެމްއީ ލޯނު އެއްވެސް މޯގޭޖެއް ނެތި، ރަހުނެއް ނެތި ދޫކުރާނަމޭ ބަލަ މިހާރު ވެސް އެކަންކަން ކޮށްދެމުން މިދަނީ" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް އަށް އިޝާރާތް ކުރައްވާ ވިދާޅުވީ އާބާދީ ބޮޑު ރަށްރަށަށް އެކަނި ކަންތައް ކޮށްދޭނަމޭ ބުނަމުންދާކަމަށެވެ. އެމްޑީޕީގެ ތަފާތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމު ތަރައްގީ ކުރަންޖެހޭނީ ވަކި ރަށެއް ނުބަލާ ކަމަށެވެ. ގައުމު ތަރައްގީ ނުވެ އޮތީ ކުރީ ސަރުކާރުތަކުން އެކަމުގައި އިހުމާލުވެފައި އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ.