ހައިކޯޓުގައި މިހާރު ކުރިޔަށް ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ތެރެއަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަންނަން ބޭނުންވާ ކަމަށް ރިޔާސީ އިންތިހާބުގެ ކަންކަން މޮނިޓާކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދުގެ ވެރިޔާ ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވެއްޖެ އެވެ.
އީޔޫގެ ވަފްދުން މިކަން ހާމަކޮށްފައި މިވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންްދާ ކުރީގެ ރައީސް ޔާމީންގެ މައްސަލައާ ގުޅޭގޮތުން ވަކި ގޮތަކަށް ކަންކަން ކުރެއްވުމަށް އީޔޫއިން ސަރުކާރަށް ބާރު އެޅުއްވުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ވަފްދުގެ އަރިހުން އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ.
އީޔޫގެ ވަފްދާއެކު މި މަހު 15 ވަނަ ދުވަހު އޮތް ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްގެން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އެކަމުގައި އީޔޫގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، އަދި އީޔޫ ވަފުދުގެ ޗީފް އޮބްޒާވަރު ނާޗޯ ވިދާޅުވީ އެ ވަފުދު ރާއްޖެ އައުމުގެ މަގުސަދަކީ އިންތިޚާބު ހިނގަނީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގައުމުތަކާއި، ރާއްޖޭ ޑިމޮކްރެޓިކް އުސޫލުތަކާއި ގާނޫނުތަކުގެ ދަށުންތޯ ކަށަވަރުކުރުމަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ މަރުހަލާގައި އޮތް ރާއްޖޭގެ ދާހިލީ މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތެރެއަށް އީޔޫ ވަފްދުން އެއްވެސް ގޮތަަކަށް ނުވަންނާނެ ކަމަށް ނާޗޯ ވިދާޅުވި އެވެ.
އީޔޫގެ ވަފްދުގެ ވެރިޔާ ވިދާޅުވީ އެ ވަފްދު ރާއްޖެ އައި އިންތިހާބު އޮބްޒާވްކުރުމަށް ކަމަށް ވާތީ، އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް އޮބްޒާވްކުރުމަށްފަހު އިބްތިދާއީ ބަޔާނެއް ނެރޭނެ ކަމަށެވެ. މި އިންތިޚާބުގައި ހިނގާދާ ކަންކަމަށް ބަލައި އިތުރަށް ރަނގަޅު ކުރެވިދާނެކަންކަމުގެ ރިޕޯޓެއް އިލެކްޝަނަށް ހުށަހެޅުމަށް ވެސް އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ފަރާތުން ވަނީ ނިންމަވާފަ އެވެ.