އެކްޓަރު ސައިފް އަލީ ހާންގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ނުކުންނަ ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިބްރާހިމް ބޮލީވުޑަށް އެކްޓަރެއްގެ ގޮތުން ތައާރަފުވަނީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އެކްޓަރު ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒް އިރާނީ ޑައިރެކްޓްކުރާ ފިލްމު "ސާރުޒަމީން" އެވެ. މިފިލުމުގައި މުހިއްމު ރޯލަކު މަޝްހޫރު ބަތަލާ ކާޖޮލް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ސާރުޒަމީން" ފިލްމުގައި އިބްރާހިމް އަލީ ހާން ފެނިގެންދާ މަންޒަރުތަކުގެ ޝޫޓިން މިހާރު ނިމިފައިވާއިރު މިފިލްމުގެ މުހިންމު ރޯލަކުން ދެކުނު އިންޑިއާ ސިނަމާގައި މަޝްހޫރު އެކްޓަރު ޕުރިތުވިރާޖު ސުކުމަރަން ވެސް ފެންނާނެ އެވެ.

އިބްރާހިމްގެ ދައްތަ އަދި ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާން ކުރިން ބުނި ގޮތުގައި، އިބްރާހިމް ވަނީ މި ފިލްމުގައި އޭނާ ފެންނާނެ މަންޒަރުތައް ނަގައި ނިންމައިފަ އެވެ. ނަމަވެސް، އަދިވެސް އެހެން ބައެއް މަސައްކަތްތައް ހުރި ކަމަށް ބުނެފައިވެ އެވެ.

އެ ފިލްމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ނިންމައި، އަންނަ އަހަރު ސިނަމާއަށް ގެންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެކްޓަރެެއްގެ ގޮތުގައި ފެނުމުގެ ކުރިން މިއަހަރު ކަރަން ޑައިރެކްޓް ކުރި ފިލްމު 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' ގައި އިބްރާހިމް ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ސާރާ އާއި އިބްރާހިމް އަކީ ސައިފް އަލީ ހާން އާއި އަމްރިތާ ސިންގްގެ ދަރިންނެވެ. އެ ދެމަފިރިން 2004 ގައި ވަކިވުމަށް ފަހު ސައިފް ކަރީނާ ކަޕޫރާ ކައިވެނިކޮށް އިތުރު ދެ ކުދިން ލިބިފައި އެބަތިއްބެވެ.