ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންގެ އަތުން މި ސަރުކާރުން އަތުލި ފްލެޓްތައް، އޭގެ ހައްގުވެރިންނަށް ދޭނެ ކަމަަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫގެ ތެރެއިން ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ހިޔާ ފްލެޓްދޭން ނިންމި އެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އެ މުވައްޒަފުންނަށް ފްލެޓް ނުދޭން ވަނީ ނިންމާފަ އެވެ.

ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕީއެސްއެމްގެ 500އަށްވުރެ ގިނަ މުވައްޒަފުންގެ އަތުން މި ސަރުކާރުން ފްލެޓް އަތުލާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ޕީއެސްއެމްގެ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ މަޝްރޫއު ހުޅުމާލޭގެ ހައުސިން މަޝްރޫގެ ތެރެއިން ވުޖޫދުން ފެންނާނެ ކަމަށާއި އެ އުފާވެރިކަން އެ މުވައްޒަފުންނަށް ހޯދައިދޭނެ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ނުނިމި ހުރި ފްލެޓްތައް ނިންމައިދެއްވައި، ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް އިތުރު ހައުސިން މަޝްރޫއު ހިންގަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެކުރިން މުއިއްޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފްލެޓް ލިބުނު ކަމުގެ ލިޔުން ލިބި ފްލެޓް ލިބިފައިނުވާ އެންމެނަށް ފްލެޓް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.