އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ވޯޓު ކަރުދާސްތައް ޗާޕުކޮށް ނިންމިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕުކޮށް ނިންމިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ ވޯޓު ކަރުދާސް ޗެކްކޮށް ޕެކް ކުރުމުގެ މަސައްކަތް ކަމަށެވެ.

ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ވޯޓު ކަރުދާހުގެ މަސައްކަތާއެކު ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތަކަށްފަހު ފައިނަލް ލިސްޓް ޢާންމު ކުރެއްވިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެ އެވެ.

ވޯޓު ކަރުދާސްތަކާ އެކު، ވޯޓުލުމުގައި ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތަކާއި ސާމާނު ރަށްރަށަށް ގެންދަނީ ސެކިއުރިޓީ ފޮށިތަކުގައެވެ. ސެކިއުރިޓީ ފޮށިތަށް ފޮނުވާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ފުލުހުން ވެސް ހަރަކާތްތެރިވާނެއެވެ.

އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ. މިއިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުންގެ ފޯމު ވަނީ އިލެކްޝަނަށް ހުށަހަޅާފަ އެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.