ވޯޓު ކަރުދާސްތައް ނިމިފައިވާ ކަމަށާއި މާދަމާ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވާ ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބަށް މިހާރު އޮތީ 11 ދުވަހެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ‏ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ. އަތޮޅުތަކަށް ސެކިޔުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފަށާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

އެގޮތުން އުތުރުގެ އަތޮޅުތަކަށް ވޯޓު ކަރުދާސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 30 ވަނަ ދުވަހު އެވެ. ހަބީބު ވިދާޅުވީ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަނީ ފުލުހުންގެ ބެލުމުގެ ދަށުންގައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ކަމަށެވެ.

މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ޙަވާލުކުރާނީ، ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާއާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާ ތަކެތީގެ ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެމްބަރު 06 ވަނަ ދުވަހު އެވެ.

ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ބައިވެރިވެ އެވެ.