އިމިގްރޭޝަންގެ އޮފީހެއް ގދ. ތިނަދޫގައި އިފުތިތާހުކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ދޭން ފަށައިފި އެވެ.

މި އޮފީސް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސައިން އާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އިތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފާއި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ތިނަދޫއިން އެންމެ ފުރަތަމަ ޕާސްޕޯޓު ދޫކުރެވުނު ފަރާތަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލައެއް އަރުއްވާފައެވެ.

ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުން، މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި، އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ އެ އިދާރާގެ އިސްތިރާޖީ ޕްލޭންގައި އެކުލެވިފައިވާ މުހިންމު އެއްކަމެވެ. މިހާތަނަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހއ، ހދ، ޏ އަދި އައްޑު އަތޮޅެއްގައި ލިބެމުން ދާއިރު، ހުވަދޫ އަތޮޅުގައި މި ޚިދުމަތް ފެށުން ވެގެން ދާނީ މި އަތޮޅުގެ ރައްޔިތުންނަށްވެސް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށެވެ.

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އެދި މިހާރު ހުށަހެޅޭނީ އޮންލައިންކޮށް، އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް 'އިމުގާ' މެދުވެރިކޮށް އޮންލައިން ކޮށެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓާއި ހަވާލުވުމަށް މިހާރު ގދ. ތިނަދޫ އިޙްތިޔާރު ކުރެވޭނެއެވެ. ގދ. ތިނަދޫ އިމިގްރޭޝަން އޮފީހުގެ ޚިދުމަތް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8 އިން މެންދުރުފަހު 3 އަކަށް ލިބޭނެ އެވެ.

އިމިގްރޭޝަންގެ އަމާޒަކީ ޚިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.