ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ދިވެހީންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން ދިވެހީންގެ ހުރިހާ ކަމެއް ބިނާވެގެން ވަނީ އިސްލާމް ދީނުގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމް ދީނަށް އަޅުކަން ކުރުމަށް ފަހިވާ ގޮތަށް ކަންކަން ހުރުމަކީ ރައްޔިތުން ވަރަށް އުފާ ކުރާނެ ކަމެއް ކަމަށެވެ.

"ދީނާ ދުރު މީހުން ކަންކަން ކުރީމަ، އެމީހުންނަށް އުނދަގޫވާނެ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ގަސްދު ކުރަނީ ރަމަޟާން މަހުގެ ފަހު 10 އެއީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅަން،" މުއިއްޒު ވިދާޅުވި އެވެ.

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރުމުން ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެހެންމެ އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި އެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެކަމުގެ ސަބަބުން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ