މާލޭގައި ހިންދޫ ދީނުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ މައްސަލާގައި އިންޑިއާގެ ފާދިރީ އަދި އޭނާއާއެކު މަސައްކަތްކުރި މީހާ ޑީޕޯޓް ކޮށްލައިފި އެވެ.
ހިންދޫ ދީނާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މާލޭގައި ކުރިއަށް ގެންދާ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއި ގުޅިގެން އެމައްސަލާގައި އެކަމުގައި ހަރަކާތްތެރިވި އިންޑިއާ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ވަނީ ގެންގޮސްފަ އެވެ.
ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ހިންދޫ ދީނުގެ ފާދިރީއަކު އޭނާގެ ސެޝަން ނަގައި ދެނީ އެކި މައްސަލަތަކަށް ރޫހާނީ ގޮތުން ހައްލު ހޯދާނެ ގޮތްތައް ދަސްކޮށްދިނުމަށެވެ. އެކަން އޭނާ އިޝްތިހާރު ވެސް ކުރި އެވެ. އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކާ ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް މިއަދު އެދެމީހުން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލާފަ އެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މައްސަލައަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނާއި އިމިގްރޭޝަން ގާނޫނާއި ހިލާފު ކަމަކަށްވާތީ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.