އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިޚާބާ ބެހޭ މައި މަރުކަޒު ދަރުބާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް ވިދާޅުވީ ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް އިންތިހާބުގެ ކަންކަން ފުރިހަމައަށް ކުރުމަށް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރުމަށް ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ކޮންމެ އިންތިހާބަކާއި ގުޅިގެން އަބަދުވެސް އިދިކޮޅު ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވާފަދަ ވާހަކަތައް ދައްކާވާނެކަން ފާހަގަ ކުރައްވަމުން ހަބީބު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފަރާތަކާއި ގުޅިގެން ނުވަތަ އެއްވެސް ސިޔާސީ ޕާޓީ އަކާއި ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޔަޤީންކަން ދެން، އިލެކްޝަން ކޮމިޝަނުން އެއްވެސް ފަރާތަކާއި، އެއްވެސް ޕާޓީއަކާއި ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވިދާނެ، އިންތިހާބުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން ހަބީބު ވިދާޅުވީ މިއަދާއި ހަމައަށް އައިރު، މާލެ އަތޮޅު ފިޔަވާއި އެހެން ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި، ވޯޓު ލާ މީހުންގެ ލިސްޓު ފައިނަލްކޮށް ފޮނުވާފައިވާ ކަމަށެވެ. އަދި މިމަހުގެ ހަތަރު ވަނަ ދުވަހު މާލެ އަތޮޅުގެ ރަށްތަކަށްވެސް ވޯޓު ކަރުދާހާއި، ވޯޓު ލިސްޓު ފޮނުވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވާ ވޯޓު ކަރުދާހާއި، އެހެނިހެން ތަކެތި މިމަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ފޮނުވާނެ ކަމަށާއި، މިމަހުގެ އަށް ވަނަ ދުވަހު ރިސޯޓުތަކަށް ވޯޓު ކަރުދާސް ފޮނުވާނެ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ. ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަމުން ދަނީ ފުލުހުންގެ އެހީތެރިކަމާއި، ބެލުމުގެ ދަށުން ކަމަށް ހަބީބު ވިދާޅުވި އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 3034 އޮބްޒާވަރުންނާއި، 3،810 މޮނިޓަރުންގެ އިތުރުން 1490 މަންދޫބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށި ތަކުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށް ހަބީބު ވިދާޅުވި އެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓު ލުމުގެ ހައްގުލިބިގެންވެ އެވެ.