ތ. އަތޮޅު ވޭމަންޑޫ އާއި ކިނބިދޫ ގުޅުވާލުމާއެކު، ދެ ރަށުގެ ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ހެނދުނު ތ. ވޭމަންޑޫއަށް ވަޑައިގެން އެރަށު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ވޭމަންޑު އާއި ކިނބިދޫ ގުޅުވާލުމަކީ، ރައްޔިތުން ބޭނުންވާ ކަމެއް ކަމަށާއި، އެއީ ކުރީގެ ރައީސް ޔާމީން ވެސް 2018ގެ ވައުދެއް ކަމަށެވެ.

"އެހެންވީމަ މި ދެ ރަށުގެ ދޭތެރޭ މިދެންނެވި ގޮތަށް ބިން ހިއްކުމާ، [ދެ ރަށް] ގުޅާލުމުގެ މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ގޮތުގަ، އަދި އެއީ ހަރަދަކަށް ވުރެ ބޮޑަށް އޭގެ ނަފާ އަނބުރާ ލިބޭ އިންވެސްޓްމެންޓެއްގެ ގޮތުގަ ހަމަ އަޅުގަނޑުމެންނަށް ފެންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ވޭމަންޑޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރަށުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރާނެ ކަމަށާއި ރަނގަޅު ފެންވަރެއްގެ ބަނދަރެއް ތަރައްގީ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ވޭމަންޑޫއަކީ އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ނަތީޖާ ނެރެވޭނެ ރަށެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިރަށުގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ ކަންކަން ކުރުމަށް ގަސްތު ކުރައްވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، މިރަށަކީ ތަރައްގީއަށް ލޯބި ކުރާ، އަދި އިގްތިސޯދީ ފުރުސަތު އޮތް މުހިންމު ރަށެއް ކަމަށެވެ.

ވޭމަންޑޫ ރައްޔިތުން މުއިއްޒުއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައިވާއިރު ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ވަނީ އެއްވެފަ އެވެ.