އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ތަމްސީލު ކުރައްވާ "އިލްމުވެރިންގެ ގުޅުން"ގައި ހިމެނޭ ގިނަ އިލްމުވެރިން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ނިންމައިފި އެވެ.

އިލްމުވެރީންގެ ގުޅުމަކީ 150 ވުރެ ގިނަ އިލްމުވެރިއަކު ހިމެނޭ ހަރަކާތެކެވެ.

އިލްމުވެރިންގެ ގުޅުމުން ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތާއީދުކުރައްވާ ބޭފުޅަކު ހޯދުމަށް ހިޔާލު ހޯދުމުގެ ގޮތުން ވޯޓެއް ނަގައިފަ އެވެ.

އެ ވޯޓުގައި ބައިވެރިވި 105 އިލްމުވެރިން ވޯޓު ދެއްވި އެވެ. އޭގެ ތެރެއިން 87 އިލްމުވެރިން ތާއީދު ކުރެއްވީ ޑރ. މުއިއްޒަށެވެ. އަދި ނުވަ އިލްމުވެރިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރެއްވި އިރު ފަސް އިލްމުވެރިން ތާއީދުކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނަށް ވެސް އެއް އިލްމުވެރިއަކު ތާއީދު ކުރެއްވި އެވެ.

އެއްވެސް އިލްމުވެރިއެއްގެ ތާއީދު ލިބިވަޑައިނުގަތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަސަން ޒަމީލަށެވެ.

އިލްމުވެރިންގެ ގުޅުމުގެ ބޭފުޅުންގެ ތެރޭގައި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު ބައިވެރިޔާ އަދި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ތިބި އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން އުޅުއްވަ އެވެ.

އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން ވަނީ ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރާ އަދާލަތު ޕާޓީއާ ވެސް އެ ގުޅުން ވަކިން ބައްދަލު ކުރި އެވެ. އެހެން ބައެއް ކެންޑިޑޭޓުންގެ ވިސްނުން ހުރި ގޮތް ހޯދަން ވެސް އެ ގުޅުމުގެ އިސްވެރިން ބައްދަލުކުރެއްވި އެވެ.