ވެރިކަމުގެ ފުރަތަމަ އަހަރުގައި ގުޅީފަޅާއި ގިރާވަރުފަޅު އަދި ފުށިދިއްގަރު ފަޅު ހިއްކައި އެސަރަހައްދުން އިތުރަށް މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މި ސަރުކާރުން ހިއްކާފައިވާ ވަރަށް ވުރެ ބޮޑު ސަރަހައްދެއް ގުޅިފަޅުން ހިއްކާނެ ކަމަށާއި ގިރާވަރާއި ފުށިދިއްގަރުފަޅު އެއްކޮށް ފުރަތަމަ އަހަރު ހިއްކާ ނިންމާނެ ކަމަށެވެ. ގުޅިފަޅުގައި ނުހިއްކައި ބާއްވާނީ ބަނދަރަކަށް ބޭނުންވާ ޖާގަ އެކަނި ކަމަށާއި އެ ބޭފުޅުންގެ މާސްޓަޕްލޭންގައި ވެސް އޮތް ގޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި ހުރިހާ ހިއްކުމެއް ނިންމައިދޭނަން ފުރަތަމަ އަހަރުގެ ހަ މަސް ތެރޭގައި ނޫނީ 6-12 މަސް ތެރޭގައި އެންމެ ގިނަ ވެގެން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި މުއިއްޒު ބައިވެރިވަނީ.. ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވި މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދާއިމީ ހައްލެއް ހޯދިނުމުގެ ގޮތުން މިސަރަހައްދުތަކުން އިތުރަށް ގޯތި ފުރަތަމަ އަހަރު ތެރޭގައި ދޫކުރާނެ ކަމަށެވެ. އަދި ލުއި ލޯނު ދީގެންނާއި ސަރުކާރުގެ ކުންފުނި މެދުވެރިވެގެން ގެދޮރު އެޅޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވަނީ މި ސަރުކާރުން މާލޭގެ މީހުންނަށް ދޫކުރި ބިންތަކުގައި ގެދޮރު އެޅުމަށް އޭނާގެ ސަރުކާރެއްގައި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް ތަކުރާރު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ، އިންތިހާބަށް ދެ ދުވަހަށް ނުވަތަ އެއް ދުވަހަށް ވުމުން ވަގުތީ އެހީތެރިކަން ފޯރުކޮށްދޭން މީހުން އަންނާނެ ކަމަށެވެ. އެކަމަކު، ގައުމީ ކަންކަމުގައި ވަގުތީ އެހީތެރިކަމަށް ވުރެ ގައުމު އިސްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

މާލޭގައި ބޭއްވި މުއިއްޒުގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން.. ފޮޓޯ: ޕީޕީއެމް

މިސަރުކާރުން މާލެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތި މުއިއްޒު ވެރިކަމެއްގައި އަތުލާނެ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ގޯތި ދިން އެއްވެސް ރައްޔިތެއްގެ އަތުން ގޯތި އަތުނުލައްވާނެކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުންނަށް އެތަނުގައި ގެދޮރު ބިނާ ކުރުމަށް ފަހި ފުރުސަތުތައް ހޯދައިދެއްވާނެވާނެ ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން ދެން ހަމަ ހުރިހާ މާލޭގެ ރައްޔިތުންނަށް، ގޯތި ލިބުނު ފަރާތްތަކަށް ސަތޭކަ ޕަސަންޓު ޔަގީންކަން. ފުރިހަމަ ޔަގީންކަން މިދެނީ އަޅުގަނޑު އެއްވެސް ގޯއްޗެއް އަތެއް ނުލާނަން. އޭގެ ބަދަލުގައި އެއަށް ވުރެ ރަނގަޅަށް ކަންތައްތައްކޮށްދޭނީ. އެތަނުގައި ގެދޮރު ބިނާ ކުރުމަށްޓަކައި ފަހި ފުރުސަތުތައް" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ސިޔާސަތުތަކުގައި މުއިއްޒުގެ އެންމެ ހާއްސަ އިސްކަމެއް ދީފައި ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ. އެގޮތުން ގުޅީފަޅު އެއްކޮށް ހިއްކައި މާލޭގެ ސަރަހައްދުގައި 65،000 ގެދޮރު ހެދުމަށް މެގަ ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެއީ 20 އަހަރުގެ ތެރޭގައި 65،000 ހައުސިންގެ ޔަގީންކަމެވެ