އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް 285،219 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބަށް 285،219 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ.

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް ޕްރިންޓްކުރި ވޯޓު ކަރުދާހުގެ އަދަދު އާންމުކޮށްފައިވާއިރު އިންތިހާބަށް ޗާޕުކުރާ ވޯޓު ކަރުދާހުގެ އަދަދު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އާންމު ކުރަން ޖެހެ އެވެ.

ރިޔާސީ އިންތިހާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު ގާނޫނުގައިވާ ގޮތުން ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އެއް ޕަސަންޓް އިތުރަށް ވޯޓު ކަރުދާސް ޗާޕުކުރަން ޖެހެ އެވެ.

އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް ވެސް އީސީން ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ނޫން ނަމަ ވޯޓު ބާތިލްވާނެ ކަމަށް ވެސް އެެ ކޮމިޝަނުން ބުނެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް 574 ވޯޓު ފޮށި ބަހައްޓާއިރު އިންތިހާބު އޮބްޒާވް ކުރަން 165 އޮބްޒާވަރެއް ބައިވެރިވާނެ އެވެ.

މި ރިޔާސީ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. މި އިންތިހާބުގައި ސިޔާސީ ފަސް ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަންބަރު ތަރުތީބުން

ކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރު

ކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލް

ކެންޑިޑޭޓު ނަންބަރު 3 - އިބްރާހިމް މުހައްމަދު ސޯލިހު

ކެންޑިޑޭޓު ނަންބަރު 4 - ޑރ. މުހައްމަދު މުއިއްޒު

ކެންޑިޑޭޓު ނަންބަރު 5 - ގާސިމް އިބްރާހިމް

ކެންޑިޑޭޓު ނަންބަރު 6 - އަހުމަދު ފާރިސް މައުމޫނު

ކެންޑިޑޭޓު ނަންބަރު 7 - އިލްޔާސް ލަބީބު

ކެންޑިޑޭޓު ނަންބަރު 8 - މުހައްމަދު ނާޒިމް

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.