މިހާރު ކުރިޔަށްދާ ރިޔާސީ އިންތިހާބުގައި މިހާތަނަށް އައިރު 36،163 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް އައިރު 22،403 ފިރިހެނުންނާއި 13،760 އަންހެނުން ވޯޓުލާފައިވާ ކަމަށެވެ.

މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 12.81 އިންސައްތަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,395 މީހަކަށް ލިބިގެންވެ އެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވޯޓުލުމުގެ ކަންތައް މިހާރު ފެށިފައިވާއިރު، އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

މިހާތަނަށް ހުރިހާ ތަނެއްގައި ވެސް ވޯޓުލުން ކުރިއަށްދަނީ އަމާންކަމާ އެކު އެވެ. އާންމު އިދާރީ ބައެއް މައްސަލަތައް ކުރިމަތިވި ނަމަވެސް ޖުމްލަގޮތެއްގައި އަދި ބޮޑު މައްސަލައެއް ނެތްކަން ފާހަގަކުރެވެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބުގެ ހުރިހާ ތައްޔާރީތައް ނިންމާފައި ވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ސިއްރު ވޯޓެއް ލެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށެވެ. ކޮންމެ ވޯޓު މަރުކަޒެއް ހަދާފައި ވާނީ ވެސް ސިއްރު ވޯޓު ލެވޭނެ ކަމުގެ އިންތިޒާމުތަކާ އެކު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.