ޖުމްލަގޮތެއްގައި މުޅި ރާއްޖޭގައި ވެސް ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ އަމާންކަމާ އެކީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޖުމްލަ ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ވޯޓުލުމުގެ ކަންތައް ކުރިއަށް ދަނީ ވަރަށް އަމާންކަމާ އެކު ކަމަށެވެ. ހަބީބު ވިދާޅުވީ ބައެއް ރަށްރަށުގައި ކުދިކުދި މައްސަލަތައް ޖެހުނު ކަމަށެވެ.

މައްސަލަޖެހިގެން ވޯޓުލުން ހުއްޓަލި ރަށްރަށުގައި ވެސް މިހާރު ވޯޓުލުން ފަށަފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. އެގޮތުން އއ. ރަސްދޫގައި އޮފިޝަލަކާއި ވޯޓު ފޮށީގެ ވެރިޔާ ގަވާއިދާ ހިލާފަށް ހަރަކާތްތެރި ވަމުންދާތީ ވޯޓުލުން މެދު ކަނޑާލާފައިވެ އެވެ. އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެ މައްސަލަ ހައްލުކޮށް ވޯޓުލުން ފަށާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި ބ. ތުޅާދޫގައި ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން ވޯޓުލުން މެދުކަނޑާލި ނަމަވެސް އަލުން ވޯޓުލާން ފަށަފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

"ކުދިކުދި ހާދިސާތައް އެބަހުރި ހިނގާފައި، އެހެން ނަމަވެސް އެ މައްސަލަތައް ހައްލުކޮށް އަލުން ވޯޓުލުން ފަށަފައިވޭ، މިއަދު ވޯޓުލުން ފެށިގެންދާއިރު ހަމަ ރަނގަޅަށް އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށްއެބަދޭ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު އިތުރަށް ވިދާޅުވީ ވޯޓު ފޮށިތައް ބަހައްޓާފައިވާ ގޮތުން ވޯޓުލާތަން ފެންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ހަބީބު ވިދާޅުވީ މީގެ ކުރީގެ އިންތިހާބުތަކުގައި ބޫތު ބަހައްޓާފައި ހުންނަނީ ވޯޓުލާ މީހާގެ މޫނު ފެންނަ ގޮތަށެވެ. އެކަމަކު މިފަހަރު ބެހެއްޓީ ވޯޓުލާ މީހާގެ ހަރަކާތްތައް ފެންނަ ގޮތަށް ކަމަށް ހަބީބު ވިދާޅުވި އެވެ.