އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާ ވަގުތު އިތުރުނުކުރާނެ ކަމަށް

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރު ނުކުރުމަށް ނިންމައި، ކިއުތައް ބަންދުކޮށްފި އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުން ހަވީރު 4:00 ގައި ނިމޭނެ ކަމަށެވެ. އަދި 4 ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ 4 ގެ ފަހުން ކިޔޫ އަށް ނޭރޭނެ ކަމަށާއި އަދި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ ކަމަށެވެ.

މިއަދު 2 ޖެހުމާ ހަމައަށް ވޯޓުލީ 58 އިންސައްތަ މީހުންނެވެ. ވޯޓްލީ މީހުންގެ ތެރޭގައި ހިމެނެނީ 82798 ފިރިހެނުން (%29.3) އަދި 82183 އަންހެނުން (%29.1) އެވެ.

ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެ އެވެ.

މި އިންތިޚާބުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓައިފަ އެވެ.

ވޯޓުލުމުގެ ކަންކަން ޖުމްލަ ގޮތެއްގައި ދަނީ އޮމާންކޮށެވެ. ނަމަވެސް ވޯޓާ ގުޅުން ހުރި އެކި ކަންކަމުގައި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.