މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނި 447 ވޯޓު ފޮށީގެ ނަތީޖާއިން އިންތިހާބު ދެވަނަ ބުރަކަށް ދާނެ ކަމަށް ދައްކައިފި އެވެ.

މިހާތަނަށް ލިބުނު 447 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަނީ 68،382 ވޯޓު ލިބިފައިވެ އެވެ. މިއީ 45.54 ޕަސެންޓެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައި ވަނީ 62،516 ވޯޓެވެ. މިއީ 39.77 ޕަސެންޓެވެ.

މި އިންތިހާބު ކާމިޔާބު ކުރުމަށް 50 ޕަސެންޓަށް ވުރެ އިތުރަށް ހޯދަން ޖެހެ އެވެ.

މި އިންތިހާބުގައި 574 ވޯޓު ފޮށި ބެހެއްޓި އެވެ. އަދި 127 ވޯޓު ފޮށީގެ ނަތީޖާ ނުލިބެ އެވެ.

ރިޔާސީ އިންތިހާބުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވޯޓު ކަރުދާސް އޮފިޝަލަކު ދައްކާލަނީ. ފޮޓޯ | ހުރިހާ

މި އިންތިހާބުގައި ޑރ. މުއިއްޒާއި ރައީސް ސޯލިހު ފިޔަވައި 10،000 ވޯޓު ލިބިފައި ވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. އެހެން ކެންޑިޑޭޓުން އުޅުއްވަނީ 5،000 އިން ދަށުގަ އެވެ.

މި އިންތިހާބުގައި އައްޑޫ ސިޓީ ފިޔަވައި އެހެން ހުރިހާ ސީޓިއަކުން މެޖޯރިޓީ ވޯޓު ހޯއްދަވާފައި ވަނީ ޑރ. މުއިއްޒެވެ.