ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަފާނެކަމުގެ މޭރުމަކުން ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޓްވީޓެއް ކުރައްވައިފި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްބުރުން ކާމިޔާބު ކުރެވޭ ވަރަށް އެއްވެސް ބަޔަކަށް ވޯޓު ލިބިފައި ނުވާތީ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސް ނިންމާ ގޮތެއް ވަނީ އެމްޑީޕީ އާއި ޕީއެންސީ އަށް މުހިންމުވެފަ އެވެ. ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ 15 ވަރަކަށް ހާސް ވޯޓު ހޯއްދަވައިފަ އެވެ. އެހެންވެ ގިނަ ބައެއްގެ ނަޒަރުގައި ދެވަނަ ބުރުގެ ކިންގްމޭކާ އަކަށް ވާނީ ޑިމޮކްރެޓްސް އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޑިމޮކްރެޓްސް އިން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަދީ، އަފްޣާނިސްތާން ފަދަ ގައުމަކަށްވެދާނެތީ އެވެ. އެންމެ ބޮޑު ސަބަބަކީ ޑރ. މުއިއްޒާއި ސަލަފް ޖަމާއަތާ އޮތް ގުޅުމެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު މިއަދު ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަދީ އަދި އެގޮތްތައް މިދިޔަ ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒުކުރާނެ ސަރުކާރެއް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި ކަމަށެވެ.

އިންތިޚާބު އެއްބުރުން ކާމިޔާބު ނުކުރެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައި ވަނީ މި މަހު 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ބަޔަކާ ގުޅެން ޖެހޭނެ ކަމަށެވެ.

ފުރަތަމަ ބުރުގައި ޑރ. މުއިއްޒު ވޯޓުލީ މީހުންގެ 46 ޕަސެންޓް ހޯއްދެވިރު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ.