އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބިފައިނުވާތީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރަށް ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓު ލީ ތަން ނޫން އެހެން ތަނެއްގައި ދެ ވަނަ ބުރުގައި ވޯޓު ލާން އެދޭ މީހުންނަށް، ރީރަޖިސްޓްރީކުރަން ދޭނީ ދެ ދުވަސް ކަމަށެވެ. އެގޮތުން މިމަހުގެ 16 އަދި 17 ވަނަ ދުވަހު ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ނުލިބުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރައްވާފަ އެވެ. އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ވަނީ 101،635 ވޯޓު ހޯދަވައި، އިންތިހާބުގެ %46.06 ހޯއްދަވާފަ އެވެ.

ޑރ. މުއިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެ އެވެ. އެހެން ނަމަވެސް ވޯޓުލުމަށް ނުކުމެފައި ވަނީ 223،288 މީހުންނެވެ. ދެވަނަ ބުރަކަށް ދާއިރު އަނެއްކާ ވެސް އަލަށް ވޯޓްލެވޭ ވަރަށް އުމުރު ހަމާވާ ޒުވާނުންތަކެއް ތިބޭނެ އެވެ.