ދެވަނަ ބުރުގައި ތާއިދުކުރާނެ ވަކި ޕާޓީއެއް އަދި ނުނިންމާ ކަމަށާއި ހުރިހާ ޕާޓީ ތަކަކާއެކު ވެސް މަޝްވަރާކުރުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައި ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ދަ ދިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވަކި ޕާޓީއަކާ ގުޅެން އަދި ނުނިންމާ ކަމަށެވެ. ވަކި ޕާޓީއެއްގެ ފަހަތަށް އަރަން ނިންމާނީ އެ ޕާޓީގެ އެތެރޭގެ މަޝްވަރާއިން ކަމަށް އިއްލި ވިދާޅުވި އެވެ.

އިއްލި ވިދާޅުވީ ޕީޕީއެމްގައި ވެސް އަދި އެމްޑީޕީގައި ވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ވަކި ގޮތަކަށް ނިންމާނީ މަޝްވަރާކުރުމަށް ފަހު އެންމެ ރަނގަޅުގޮތަށް ކަމަށް ވިދާޅުވި އެވެ. މަޝްވަރާ ކުރާނީ ޑިމޮކްރެޓްސްގެ އުސޫލްތައް ހިފަހައްޓާ ޕާޓީއަކާ އެކު ކަމަށާ އަދި އެހެން ޕާޓީއެއްގެ ފަހަތައް އެރިޔަސް އަރަނީ ޑިމޮކްރެޓްސްގެ އުސޫލުތައް ހިފަހައްޓާ ޕާޓީއެއްގެ ފަހަތަށް ކަމަށް އިލްޔާސް ވދިާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ދޮރެއް ބަންދުކޮށްފައެއް ނެތް، ވަކި ބަޔަކާ ވާހަކަ ދައްކަން ވެސް ނުދައްކަން ވެސް ނިންމާފައެއް ނެތް،" އިލްޔާސް ވިދާޅުވި އެވެ.

ދެ ވަނަ ބުރެއްގައި ހުރިހާ ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް 100،691 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ޞޯލިހު އަށް ލިބިވަޑައިގެންނެވީ 85،260 ވޯޓެވެ.

މިފަހަރުގެ ކިންގމޭކާ އަކަށްވީ ޑިމޮކްރެޓްސްގެ އިލްޔާސް އެވެ. އިލްޔާސް އަށް ލިބިވަޑައިގެންނެވީ 15،528 ވޯޓެވެ.