ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރު ކާމިޔާބުކޮށްދެއްވުމަށް އިތުރަށް މަސައްކަތްކޮށްދިނުމަށް ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަަޑައިގަންނަވައިފި އެވެ.

ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒަށް އިތުރު ތާއީދުދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި އަށް ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ލިބިފައި ނުވާތީއެވެ.

ގާނޫނު އަސާސީގައި ވާގޮތުން، ރައީސްކަމަށް އާދެވޭނީ ވޯޓުލާ މީހުންގެ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް 46 ޕަސެންޓް ލިބިފައިވެ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ.