ރިޔާސީ އިންތިހާބު އޭނާ އަށް ކާމިޔާބުވެއްޖެ ނަމަ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ މާފަންނު ހުޅަނގުގައި އިދިކޮޅުގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ކުރީގެ ސިޓީ ކައުންސިލާއި މި ސަރުކާރުން ހަވާލުކޮށްފައި އޮތް 420 މިލިއަން ރުފިޔާގެ މަގު ހެދުމުގެ މަޝްރޫއު، އޭނާ ކައުންސިލާ ހަވާލުވުމަށް ފަހު ވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން އެއްބަސްވިގޮތަށް ކުރިއަށް ނުދިޔައީ ސަރުކާރުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ 100 ވަރަކަށް މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން އާރްޑީސީއާ ހަވާލުކުރި އެވެ. ނަމަވެސް ސަރުކާރުން އެ އެއްބަސްވުންތައް އެންގުމަކާ ކުއްލިއަކަށް ބާތިލްކުރީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ މަސައްކަތް [މަގު ހެދުން] ހުއްޓުވީ. އަށް މަސް ދުވަސް ވަންދެން ހަމަ ހުއްޓުވާފައި ބާއްވާފައި ފަހުން އަންގާ ވެސް ނުލާ ނޫހުން ހެޑްލައިން ފެނުނީ އެގްރީމަންޓް ބާތިލުކުރި ވާހަކަ. އެހެންވީމާ މަގުތައް ނުހެދިފައި މި އޮތީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މާލޭގެ އިތުރުން ހުރިހާ ސިޓީއެއްގެ މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވަނީ މާލެއަށާއި ރާއްޖޭގެ އެހެން ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.