ރިޔާސީ އިންތިހާބަށް އެކިއެކި ކެންޑިޑޭޓުން ކުރި ހަރަދުތަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެންޑިޑޭޓުން ކެމްޕެއިން ކުރި އިރު އެކަންކަން އިލެކްޝަންސް ކޮމިޝަނަށް ބެލިފައިނުވާ ކަމަށް އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގައި ތިބި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ބެހޭގޮތުން އީޔޫގެ އޮބްޒާވަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޔޫ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓް މެމްބަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކެމްޕެއިން ކުރި އިރު ކެންޑިޑޭޓުންގެ ހަރަދުތައް ގާނޫނާ އެއްގޮތަށް އީސީ އަށް ރަނގަޅަށް ނުބެލެހެއްޓުނުކަން ފާހަގަކުރެވުނު ކަމަށެވެ.

ދައުލަތުގެ މުދަލާއި ވަސީލަތްތައްވެސް ބޭނުންކޮށްފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށްވެސް ސަންޗޭޒް ވިދާޅުވި އެވެ. އަދި ކެންޑިޑޭޓުންގެ ހަރަދުތައް ބެލެހެއްޓުމުގައި އީސީގެ ގާބިލުކަން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ވަސީލަތްތަކާ މުދާ ސަރުކާރު ހިންގާ ޕާޓީން އިންތިހާބުގައި ބޭނުން ކުރުމުން އެކަމުގެ އަސަރު ކެމްޕެއިން ތެރޭގައި ކޮށްފައިވާ ކަމަށެވެ.

ޖުމްލަގޮތެއްގައި އިންތިހާބުގެ ކަންކަން ގޮސްފައިވަނީ ރަނގަޅަށް ކަމަށާއި، އަށް ކެންޑިޑޭޓުންނަށްވެސް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ މުވައްޒަފުންގެ ދަތިކަން ކަމުގައި ވިޔަސް އިންތިހާބުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ރަނގަޅަށް ކަމަށް އެނާ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒުއަށް 101581 ވޯޓު ލިބިވަޑައިގެންނެވި އެވެ. އަދި ރައީސް ޞާލިހުއަށް ލިބިވަޑައިގެންނެވީ 86164 ވޯޓެވެ. ރިޔާސީ އިންތިހާބު ވަނީ ދެވަނަ ބުރަކަށް ގޮސްފަ އެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.