ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ދައްކަވާ ވާހަކަތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިގެންދާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން އަންނަނީ ބުނަމުނެވެ. އަދި އަދި މުއިއްޒު ވެރިކަމަށް އަތުވެއްޖެނަމަ އަންހެނުންގެ ހައްގުތައް ނިގުޅައިގެންދާނެ ކަމަށާއި ރާއްޖެ ދެވަނަ އަފްގަނިސްތާނަކށް ވެގެންދާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި ދީނީ ހޭލުންތެރި ކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ޖަމިއްޔަތުއް ސަލަފާއި މުއިއްޒާއި ގުޅުން އޮންނަ ކަމަށް ބުނެ ސަލަފަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ދައްކަން ވެސް އެމީހުން އަންނަނީ މަސައްކަތްވެސް ކުރަމުންނެވެ.

މިވާހަކަތަކަށް ރައްދު ދެއްވާ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ އެކަމަނާ އާއި މުއިއްޒާ ދެ ބޭފުޅުންނަކީ ވެސް ރާއްޖޭން ބޭރުން ކިޔަވައިގެން ތިބި މީހުން ކަމަށާއި، ދެ ބޭފުޅުން ވެސް ކިޔަވާ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ކަމަށެވެ.

"އަޅުގަނޑު 23 އަހަރު މި ވަނީ ހެލްތް މިނިސްޓްރީގައި ސިވިލްސާވެންޓެއްގެ ގޮތުގައި މަސައްކަތްކުރާތާ. އަޅުގަނޑާއި މުއިއްޒަކީ އެކްސްޓްރީމް ނޫން ގައުމުތަކުން ކިޔަވައިގެން ތިބި ދެ މީހުން. އަޅުގަނޑު ފިރިމީހާއަކީ ކޮންމެ ކަމެއްގައި ކޮންމެ މަސައްކަތެއްގައި އެއްބައިގައި ހިފަހައްޓަވާ ބޭފުޅެއް. ފިރިހެނަކަށްވީތީ ފިރިހެނެއްގެ ގޮތުގައި ހުންނަ ބޭފުޅެއް ނޫން. އެންމެ ކުޑަ މިނުން އަޅުގަނޑުގެ ދަރިފުޅުގެ ނެޕީ ވެސް ބަދަލުކުރައްވާ ބޭފުޅެއް،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ މަތީ ތައުލީމަށް އިތުރަށް ކިޔަވަން ބޭނުންފުޅުވީ ވަގުތު އެ ފުރުސަތު ފަހިކޮށްދެއްވާ ހަރަދު ކޮށްދެއްވީ ވެސް ސީދާ ފިރިކަލުން ކަމަށެވެ

"އަޅުގަނޑު ބޭނުން ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވާ އަދި އޭގެ އިތުރުން އަޅުގަނޑު މާސްޓާސް ހެދީ އަޅުގަނޑުގެ ފިރިމީހާގެ ހިތްވަރާ އެކީގައި އެބޭފުޅާ ސްޕެންޑް [ހަރަދު] ކޮށްގެން ޔޫކޭ ގައި އިނގޭތޯ،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ، މުއިއްޒުއަށް ވަރުގެ ރަނގަޅު، ދަރިންނަށް ލޯބިވާ، އަނބިމީހާ އަށް ތެދުވެރި ފިރިއަކު ނުލިބޭނެ ކަމަށެވެ. އަދި އެއީ ވަފާތެރި ފިރިއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ސާޖިދާ ވިދާޅުވީ އިސްލާމް ދީން ފިޔަވައި އަންހެނުންގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާކޮށްދީފައިވާ އެއްވެސް ދީނެއް ނޯންނާނެ ކަމަށެވެ. އެއީ މަތިން ބާވާލެއްވި ފުރިހަމަ ދީނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސާޖިދާ މުހައްމަދަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ މއ. ބާބުލްއަވާލީ އައްޝައިހް މުހައްމަދު އިބްރާހިމްގެ ދަރިކަނބަލެކެވެ. ނައިފަރުގެ އިފްތިތާހާއި އިންޑިއާ އަދި މަދީނާއިން ތައުލީމު ހާސިލު ކުރައްވާފައިވާ ޝައިހް މުހައްމަދު އިބްރާހިމަކީ ދިވެހީންނަށް އިސްލާމް ދީނުގެ ސައްހަ މައުލޫމާތު އޮޅުންފިލުވައިދެއްވުމަށް ބުރަކޮށް މަސައްކަތް ކުރެއްވި އިލްމުވެރިއެކެވެ.