ރިޔާސީ އިންތިހާބު ކާމިޔާބުވިޔަސް ޕީޕީއެމް/ ޕީއެންސީ ވެރިކަމެއްގައި ސަރުކާރު ފޮތިފޮތިކޮށް ނުބަހާނެ ކަމަށް ޕީޕީއެމް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައި، މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން އިންތިހާބު ކާމިޔާބު ކުރި ނަމަވެސް ސަރުކާރު ފޮތިފޮތިކޮށް ކެބިނެޓާއި ކުންފުނިތައް ނުބަހާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްއެންޕީއާއެކު ހެދި އެއްބަސްވުމުގައި ވެސް އެޕާޓީއަށް ސަރުކާރުގެ ކުންފުނިތަކުންނާއި ކެބިނެޓުން ވަކި އަދަދެއް ދޭން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ. އަދި އެއެއްބަސްވުމުގައި އޮންނާނީ ހަމަ އެކަނި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒުއަށް ތާއީދުކުރަން ނިންމާ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަން އެކަނި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މީގައި (އެއްބަސްވުމުގައި) ފޮތިފޮތިކޮށްފައި ކެބިނެޓާއި ކުންފުނިތައް ބަހާ ވާހަކައެއް އަޅުގަނޑުމެން ނުލިޔަން. އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ބެލީ މި އިންތިހާބު ކާމިޔާބުކުރަން. އެކީގައި މަސައްކަތް ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް އެމްއެންޕީ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ސަލާންކުރަނީ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ކޯލިޝަން ހެދިކަމުގައި ވިޔަސް އަދި ސަރުކާރުގެ މަގާމުތަކާ ކެބިނެޓު ބެހުމާ މެދު ނުވިސްނާ ކަމަށެވެ. އަދި މި އެއްބަސްވީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޑރ. މުއިއްޒުއަށް ދެވަނަ ބުރުގައި ތާއީދު ކުރަން ނިންމީ އެމްއެންޕީގެ ސިޔާސަތުތަކާ އެއްގޮތް ސިޔާސަތުތަކެއް ހުރުމުން ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރެވޭނެ ވިސްނުން ހުރުމުން ކަމާށް ނާޒިމް ވިދާޅުވި އެވެ.

މިވަގުތު އިސްކުރަނީ ގައުމީ މަސްލަހަތު ކަމަށާ މިއީ ގައުމީ މަސައްކަތެއް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އަދި މިވަގުތު މަސައްކަތް ކުރަންވީ މި އިންތިހާބު ޑރ. މުއިއްޒުއަށް ކާމިޔާބު ކޮށްދެއްވަން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް އެމްއެންޕީގެ ރައީސް ނާޒިމް މިއަދު އެއްބަސްވުމެއްގައި ސޮއިކުރަނީ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒުއަށް 101581 ވޯޓު ލިބިވަޑައިގެންނެވި އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއަށް ލިބިވަޑައިގެންނެވީ 86164 ވޯޓެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް އަށް ލިބިވަޑައިގެންނެވީ 1862 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %1 އެވެ. އެމްއެންޕީ އަކީ ޕީޕީއެމް، ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް ނިންމި ފުރަތަމަ ޕާޓީ އެވެ.