މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސުލޫކީ މިންގަނޑާ ޚިލާފުވި ދިވެހި އޮބްޒާވަރަކާއި މަންދޫބަކާމެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބުގެ ވޯޓުލީ ދުވަހު އެކޮމިޝަނުން ދައުވަތު އަރުވައިވެގެން ވަޑައިގެންނެވި ބައެއް އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްސީލުކުރާ ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ފުރައްސާރަކޮށްފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ މީހުން އިންތިޚާބުތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވާތީ، އިންތިޚާބުގެ ދެވަނަބުރާއި، ކުރިއަށް އޮތް ބޮޑު ދެ އިންތިހާބުގައިވެސް އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް، ނުވަތަ އިލެކްޝަން އޮފިޝަލެއްގެ ގޮތުން ހަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި އިންތިޚާބާ ބެހޭ ހާއްސަ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ބަދަލުގައި އެހެން ދެ މީހަކު އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 1700 އަށްވުރެ ގިނަ މީހުން ވަނީ ހަރަކާތްތެރިވެފަ އެވެ.