މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށާއި، ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމާއި މޮނިޓާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުން ފެށިގެން މިމަހުގެ 17 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް ވަނީ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭނުންވާ ފަރާތްތަކަށް ވެސް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށްވެސް އިލެކްޝަންސް އިން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ ދެވަނަ ބުރުގައި އޮބްޒާވަރުން، މޮނިޓަރުން އަދި މަންދޫބުންގެ ގޮތުގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ފާސް ހެއްދި ފަރާތްތަކުން ދެވަނަ ބުރުގައި ވެސް ހަރަކާތްތެރިވާ ނަމަ އިތުރަށް ފާސް ހައްދަން ނުޖޭހެނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މޮނިޓަރުންނާއި އޮބްޒާވްވަރުންނަށް ވުމަށް 8،152 މީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އެވެ. މީގެތެރޭގައި ބައިނަލްއަގްވާމީ 143 އޮބްޒާވަރުންނާއި ބައިނަލްއަގްވާމީ 22 މޮނިޓަރުންވެސް ހިމެނެ އެވެ.ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.