މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރުމަށް 25،000 އަށް ވުރެ ގިނަ މީހުން ފޯމު އިލެކްޝަންސް އަށް ހުށަހެޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި އެ ކަންތައްތައް ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން މިހާތަނަށް 25،000 އަށް ވުރެން ގިނަ މީހުން ވަނީ ފޯމް ހުށަހަޅައިފަ އެވެ.

މިކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދެ ދުވަސް ތެރޭގައި 25,000 މީހުން ރިރެޖިސްޓަ ކޮށްފާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި, ބޭރުގެ އޮބްޒާވަރުން އަދި ކަމާ ބެހޭ އެހެނިހެން ފަރާތްތަކުން މިކަން ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ރައީސް އޮފީހުން ބޮޑު ވައްކަމެއް ކުރަން ރާވާފައިވާ ކަމަށެވެ. ސައީދު ވިދާޅުވީ ރައީސް އޮފީހުން ރާވައިގެން ޑރ. މުއިއްޒަށް ވޯޓުލާ 8،000 އެއްހާ މީހުންގެ ރަޖިސްޓްރޭޝަން އެހެން ތަންތަނަށް ބަދަލުކުރުމަށް ރާވަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހުކުރު ދުވަހު އެކަނިވެސް 9،206 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 7،267 ފޯމު ހުށަހަޅާފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި ހޮނިހިރު ދުވަހު ރީ-ރަޖިސްޓްރީ ކުރަން 16،287 ފޯމް ހުށަހެޅިއިރު މީގެތެރެއިން 11،082 ފޯމް ހުށަހަޅާފައި ވަނީ އޮންލައިންކޮށް ކަމަށް ހަބީބު ވިދާޅުވި އެވެ. އެހެންކަމުން މިހާތަނަށް ރީ-ރަޖިސްޓްރީ ކުރުމަށް އޮންލައިންކޮށް އެކަނިވެސް 18،349 ފޯމް ވަނީ އިލެކްޝަނަށް ހުށަހަޅާފައި ކަމަށް ހަބީބު ވިދާޅުވި އެވެ.