ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑިރެކްޓަރު ކަރަން ޖޯހަރުއަކީ މީގެ ދެތިން އަހަރު ކުރިން ސޯޝަލް މީޑިއާގެ އެކްސް (ކުރީގެ ޓްވިޓާ)ގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. އެހެން ނަމަވެސް ކުއްލިއަކަށް އޭނާ ވަނީ އެ ޕްލެޓުފޯމުން ގެއްލިފަ އެވެ.

އެކަމާ ބެހޭ ގޮތުން މިޑް ޑޭއަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ ޓްވިޓާ ދޫކޮށްލަން ނިންމި ނިންމުމަކީ އޭނާގެ ދަރިންނަށް އަމާޒުކޮށް ޓްވިޓާގައި ހަޑިހުތުރު ބަސްތައް ބޭނުން ކުރާތީ ނިންމި ނިންމުމެއް ކަމަށެވެ.

ކަރަން އިތުރަށް ބުނެފައިވަނީ ޓްވިޓާގައި ނަފްރަތު ފެތުރުމަށް މީހުންގެ އަނބިދަރިންގެ އަބުރަށް އަރައިގަތުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށާއި އެފަދަ މާހައުލެއްގައި އުޅެން ބޭނުންނުވީ ކަމަށެވެ.

"އަހަންނަށް އެނގޭ ޓްވިޓާއަކީ އަހަރުމެން ކަހަލަ މީހުންނަށް ވަރަށް މުހިއްމު އެއްޗެއްކަން. އެކަމަކު މިހާ ހިސާބަށް ކަންތައް ދިޔައީމަ ދޫކޮށްލަން ނިންމީ" ކަރަން ބުންޏެވެ.

އެއާއެކު އޭނާ ވަނީ ޓްވިޓާ ދޫކޮށްލުމުގެ ފަހަތުގައި ވަނީ އެ ޕްލެޓްފޯމުގައި އޭނާއަށް އަމާޒުވި މަލާމާތާއި ފުރައްސާރަ ނޫން ކަމަށް ވެސް ބުނެފަ އެވެ.

ކަރަންގެ މަސައްކަތްތަކަށް ބަލާލާއިރު އޭނާގެ އެންމެ ފަހުގެ ފިލްމަކީ އާލިއާއާއި ރަންވީރު ފެނިގެންދިޔަ ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ އެވެ.