ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެމްޑީޕީ އާއި ޕީޕީއެމަށް ތަފާތު ދެ ހުށަހެޅުމެއް ހުށަހަޅާ، އެކަމަށް އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށް ދަ ޑިމޮކްރެޓްސް އިން ފާސްކޮށްފިއެވެ.

އެގޮތަށް ނިންމާފައި ވަނީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި އޮތް އެ ޕާޓީގެ އިންތިގާލީ ކައުންސިލުގެ ހަތްވަނަ ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވި 64 މެންބަަރުންގެ ތެރެއިން 50 މެންބަރުންގެ ވޯޓުންނެވެ.

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ވަނީ 28 ސެޕްޓެންބަރުގެ ކުރިން ބަރުލަމާނީ ވޯޓު ނެގުމަށް އެއްބަސްވުމަށް އެމްޑީޕީއަށް ހުށަހެޅުމަށް އެދިފަ އެވެ.

ސަރުކާރު އުފެއްދުމަށް ޑިމޮކްރެޓްސް ހިއްސާވާނެ މިންވަރު ބަޔާންކުރާނެ ލިޔުމެއްގައި ސޮއި ކުރުމަށް ޕީޕީއެމަށް ހުށަހެޅުމަށް ވެސް މިރޭ ފާސްކޮށްފައިވެ އެވެ.

އެ ގަރާރުގައިވާގޮތުން އެ ހުށަހެޅުންތަކަށް އެއްބަސް ނުވެއްޖެ ނަމަ، އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ކައުންސިލުން ނިންމަންޖެހެ އެވެ.ޝިފާޒް ވިދާޅުވީ ކޯލިޝަނެއްގެ ތަޖުރިބާ ކުރެވިއްޖެ ކަމަށާއި ވަޒީފާގެ ބޭނުމުގައި ކޯލިޝަން ހެދުމަކީ ބުއްދިވެރިގޮތެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

"ދެތިން ދުވަހެއްގެ ސަރުކާރުގެ ވަޒީފާއަކަށް ކޯލިޝަން ސަރުކާރަކަށް ދިއުމުގެ ތަޖުރިބާ މި ހުރިހާ ބޭފުޅުން ވަނީ ކޮށްފައި. އެހެންވީމަ އަޅުގަނޑުގެ އަމިއްލަ ނަޒަރުގައި ސަރުކާރެއްގައި ބައިވެރިވުން އެއީކީއެއް އެހާ ބުއްދިވެރި ކަމެއް ނޫން" ޝިފާޒު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުން ފެށުމުގެ ކުރިން ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ޓްވީޓެއް ކުރައްވާފަ އެވެ.

އެ ޓްވީޓްގައި ވަނީ "އެއް ހަރަކުން ދެފަހަރު ކަށްޓެއް ނުޖެހޭނެ" ކަމަށެވެ. ބެލެވޭގޮތުގައި އެއީ ރައީސް ސޯލިހަށް ނިސްބަތްކޮށް ކުރެއްވި ޓްވީޓެކެވެ.